Student Hand book
14. Library
ލައިބްރަރީ
ފޭދޫސްކޫލުގެ ކޮންމެ ކުއްޖަކީ ފޭދޫ ސްކޫލު ލައިބްރަރީގެ މެންބަރެކެވެ. ލައިބްރަރީ ހުޅުވޭނީ ކޮންމެ ކިޔެވުން އޮންނަދުވަހެއްގެ ހެނދުނު 6:45 ން ފެށިގެން ދެވަނަ ސެޝަންގެ ކިޔެވުން ނިމެންދެންނެވެ. ހުރިހާ ކުދިންވެސް ލައިބްރަރީގެ ތިރީގައި މިދަންނަވާ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.
ދަރިވަރުން ލައިބްރަރީ އަށް އަންނާނީ ކުލާހުގެ ލައިބްރަރީގަޑީގަ އެވެ. މީގެ އިތުރުން ގްރޭޑް 8 ން 10 ގެ ކުދިންނަށް މެންދުރު ފަހު 3:00 ން ހަވީރު 6:00 ށް ލައިބްރަރީއަށް އައުމުގެ ފުރުޞަތު އޮންނާނެއެވެ.
ކިޔަވަން ގެންގުޅޭ ޓެކްސްޓް ފޮތާއި ދަބަސް ފަދަ ތަކެތި ލައިބްރަރީއަށް ވެއްދުމަކީ މަނާކަމެކެވެ. ލައިބްރަރީއަށް ވައްދާނީ ނޯޓު ފޮތަކާއި ގަލަމެކެވެ.
ލައިބްރަރީގައި ހުރިހާ ކުދިންވެސް ތިބެންވާނީ ހަމަހިމޭނުންނެވެ.
ހަރުތަކުގަ ހުންނަ ފޮތް އޭގެ ތަރުތީބު އޮޅުވާނުލާށެވެ. ފޮތްތައް ކިޔަން ނެގުމަށްފަހު އެފޮތް ޖަހާފައި ހުރި ހަރުގައި ތަރުތީބުން ޖަހަންވާނެއެވެ. އެގޮތަށް ޖަހަން އުނދަގޫވެއްޖެ ޙާލަތެއްގައި ލައިބްރޭރިއަންގެ އެހީ ހޯދާށެވެ.
ކޮންމެ ކުއްޖަކަށްވެސް ދޫކުރާނީ ހަތްދުވަހުގެ މުއްދަތަށް އެއް ފޮތެވެ. ރިފަރެންސްފޮތް ލައިބްރަރީއިން ބޭރަށް ގެންދިއުމަށް ދޫނުކުރެވޭނެއެވެ.
ދެވިފައިވާ މުއްދަތުގެ ތެރޭ ފޮތް އަނބުރާ ލައިބްރަރީއާ ޙަވާލު ނުކުރެވިއްޖެނަމަ ދެން ފޮތް ބަލައިގަނެވޭނީ އިތުރުވާ ކޮންމެ ދުވަހަކަށް ފަންސަވީސް ލާރީގެ ޖޫރިމަނާއަކާ އެކުގައެވެ.
ފޮތްތައް ރީ-އިޝޫ ކުރާނީ އެފޮތަށް އެހެން ކުއްޖަކު އެދިފައި ނުވާ ނަމައެވެ.
ލައިބްރެރީގެ އެއްވެސް އެއްޗެއް ލައިބްރޭރިއަން އަށް ނޭނގި އަދި ކޮމްޕިއުޓަރުގައި ރިކޯޑް ނުކުރެވި ބޭރަށް ގެން ދިއުމަކީ މަނާކަމެކެވެ.
ފޮތް ގެންދިއުމުގެ ކުރިން ގެއްލުމެއް ލިބިފައިވޭތޯ ބަލާށެވެ. އެގޮތަށް ބެލުމެއްނެތި ގެންދެވޭ ފޮތުގެ މައްސަލައެއް ދިމާވެއްޖެނަމަ އެކަމުގެ ޒިއްމާ ނަގަންވާނީ އެކުއްޖަކު އަމިއްލައަށެވެ.
އަނބުރާ ޙަވާލުކުރެވޭ ފޮތުގައި އެއްވެސް ކަހަލަ ގެއްލުމެއް ހުރެއްޖެނަމަ އެކުއްޖަކު އޭގެ ޒިއްމާ ނަގަންވާނެއެވެ.
ލައިބްރަރީ ގެ ފޮތެއް ކުއްޖެއްގެ އިހުމާލުން ހަލާކުވެ އަދި ގެއްލިއްޖެނަމަ އެކުއްޖަކު އޭގެ ފޮތެއް 10 ދުވަހުގެ ތެރޭ ހޯދާދޭން ޖެހޭނެއެވެ. ނުވަތަ އެފޮތެއްގެ އަގު ދައްކަންޖެހޭނެއެވެ. ފޮތެއްގެ އަގު ކަމުގައި ބެލެވޭނީ އެފޮތް ވިއްކަން ހުރިތަނަކުން ގަނެގެން އެހެނިހެން ޚަރަދު ތަކާއެކު ސްކޫލުގެ ލައިބްރަރީއާ ހަމައަށް އެފޮތަކަށް ހިނގާނެ ޚަރަދެވެ.